17
އީސާގެފާނު ކުރެއްވި ދުޢާ 
 1 މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!  2 ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.  3 ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.  4 ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި ކަންތައް އަޅުގަނޑު މިވަނީ ނިންމާފައި. އެހެންކަމުން ބައްޕާފުޅުގެ ޖަލާލުވަންތަކަން މި ދުނިޔޭގައި ފާޅުވެގެންދިޔަ.  5 ބައްޕާފުޅާ! އަޅުގަނޑަށް އިނބަރަސްކަލާނގެ ހަޒްރަތުގައި މިހާރު ޖަލާލަތުކަން ދެއްވާ! އެއީ ދުނިޔެ އުފެއްދެވުމުގެ ކުރީގައި އިނބަރަސްކަލާނގެ ހަޒްރަތުގައި އަޅުގަނޑަށް ދެއްވާފައިވާ ޖަލާލަތުކަން.“ 
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ މައްޗަށް ދުޢާފުޅުކުރެއްވި 
 6 ”އިނބަރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުންގެ ތެރޭން އަޅުގަނޑަށް ދެއްވި މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު ހާމަ ކޮށް ދީފިން. އެމީހުންނަކީ އިނބަރަސްކަލާނގެ މިލްކުގައިވާ މީހުން. އިނބަރަސްކަލާނގެ އެމީސްތަކުން އަޅުގަނޑަށް ދެއްވައިފީމު. އެމީސްތަކުން އިނބަރަސްކަލާނގެ ބަސްފުޅަށް ކިޔަމަން ގެންފި.  7 އަޅުގަނޑަށް ލިބިފައި ހުރިހާކަމެއް ލިބިގެން އައިސްފައި ވަނީ އިނބަރަސްކަލާނގެ ހަޒުރަތުންކަން މިހާރު އެމީހުންނަށް އެނގިއްޖެ.  8 އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި. 
 9 އަޅުގަނޑު މި ދުޢާކުރަނީ ދުނިޔޭގެ މީސްތަކުންނަށްޓަކައެއް ނޫން. އަޅުގަނޑު މި ދުޢާ ކުރަނީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި މީހުންނަށްޓަކައި. އެއީ އެ މީހުންނަކީ އިނބަރަސްކަލާނގެ މީސްތަކުން.  10 އަޅުގަނޑުގެ އަތުގައި ވާހައި އެއްޗަކީ އިނބަރަސްކަލާނގެ އެއްޗެހި. އިނބަރަސްކަލާނގެ ކިބަފުޅުގައި ވާހައި އެއްޗަކީ އަޅުގަނޑުގެ ވެސް އެއްޗެހި. އަދި އަޅުގަނޑުގެ ޖަލާލަތުކަން ފެނިގެން ދާނީ އެމީހުންގެ ޒަރީއާއިން.  11 މިހާރު އަޅުގަނޑު މިދަނީ އިނބަރަސްކަލާނގެ ހަޒްރަތަށް. އަޅުގަނޑަކީ މިހާރު ދުނިޔޭގައި ނެތް މީހެއް. އެކަމަކު އެމީހުން އެ ވަނީ މި ދުނިޔޭގައި. ކީރިތި ބައްޕާފުޅު! އަޅުގަނޑަށް ދެއްވި އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުން އެމީހުންނަށް ރައްކާތެރިކަން ދެއްވާށި! އެއީ އިނބަރަސްކަލާނގެއާއި އަޅުގަނޑަކީ އެކައްޗެއް ކަމުގައި ވާ ފަދައިން އެމީހުންނަކީ ވެސް އެކައްޗެއް ކަމުގައި ވުމަށް.  12 އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.*  17:12 ގެއްލި ދިޔަ މީހާކަމަށް އެކަލޭގެފާނު އެވިދާޅުވާ މީހަކީ ޔުދާސް އެވެ. އެއީ ދާއޫދުގެފާނުގެ ޒަބޫރުގައި އެކަން އެހެންވާނެކަމަށް ލިޔެވިފައިވާތީ. 
 13 އަޅުގަނޑު އިނބަރަސްކަލާގެ ހަޒްރަތަށް ދިއުމުގެ މަގުމަތީ ދުނިޔޭގައި ހުރެ މިވާހަކަ މި ބުނަނީ އެމީހުންގެ ހިތްތަކަށް އަޅުގަނޑުގެ ކިބައިގައި މިވާ އުފަލާ ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައި ދިނުމަށް.  14 އިނބަރަސްކަލާނގެ އެންގެވުންތައް އަޅުގަނޑު އެމީހުންނަށް ފޯރުކޮށް ދިނިން. އެމީހުން ދެކެ ދުނިޔެ ނަފްރަތު ކުރޭ. އެހެނީ އެމީހުންނަކީ ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން. އެއީ އަޅުގަނޑަކީ ވެސް ދުނިޔެވީ މީހަކަށް ނުވާ ފަދައިން.†  17:14 މިތަނުގައި ދުނިޔެއޭ އެވިދާޅުވަނީ ޝައިތާނީ ދުނިޔެއަށް އިޝާރާތް ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން ނޭނގޭ އަދި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނުވާ މީހުންގެ ދުނިޔެއެވެ.  15 އަޅުގަނޑު މިއެދެނީ އެމީހުން މިދުނިޔެއިން ގެންދެވުމަކަށް ނޫން. އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ނުބައި ބާރު ކަމުގައިވާ ޝައިތާނާގެ ބާރުން އެމީހުން ސަލާމަތްކޮށް ބަލަހައްޓަވާ ދެއްވުން އެދި.  16 ހަމަ އަޅުގަނޑެކޭ ވެސް އެއްފަދައިން އެމީހުންނަކީ ވެސް މި ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން  17 ތެދު ބަސްފުޅާ އެއްގޮތް ވާގޮތުގެ މަތިން އެމީހުންނަކީ އިނބަރަސްކަލާނގެ އަށް ޚާއްސަ ކުރެވިފައިވާ ބައެއް ކަމުގައި ލައްވަވާށި. އެހެނީ އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤު ތެދު.  18 އިނބަރަސްކަލާނގެ އަޅުގަނޑު ވަކި ކަމަކާއިގެން ދުނިޔެއަށް ފޮނުއްވި ފަދައިން އެމީހުން ވެސް އަޅުގަނޑު މިފޮނުވަނީ ވަކި ކަމަކާއިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް.  19 އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުންވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.“ 
އީސާގެފާނު އެކަލޭގެފާނަށް އީމާން ވެގެން ވާ އެންމެންގެ މައްޗަށް ދުޢާފުޅު ކުރެއްވި 
 20 ”އަޅުގަނޑު ދުޢާ މިދަންނަވަނީ ހަމައެކަނި އަޅުގަނޑުގެ އަސްޙާބީންނަށްޓަކައެއް ނޫން. އަޅުގަނޑު ދުޢާ މިދަންނަވަނީ އެމީހުން ބުނާބަހުގެ އަޑުއަހައި އެބަސްތައް ގަބޫލު ކޮށް އަޅުގަނޑަށް އީމާންވާނެ އެންމެންނަށްޓަކާ.  21 އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުންވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ. 
 22 އަޅުގަނޑު ވަނީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ފަދަ މަތިވެރިކަމެއް އެމީހުންނަށް ވެސް ދީފައި. އެއީ އެމީހުންނަކީ އެކައްޗެއް ކަމުގައި ހެދުމަށް. އަދި އެއީ އަޅުގަނޑާއި ބައްޕާފުޅަކީ ވެސް އެކައްޗެއް ކަމުގައި ވާ ފަދައިން.  23 އަޅުގަނޑު ވަނީ އެމީހުންގެ ކިބައިގައި. އިނބަރަސްކަލާނގެ ވަނީ އަޅުގަނޑުގެ ކިބައިގައި. އެހެންކަމުން އެމީހުންނަކީ ވެސް ފުރިހަމަ އެކައްޗަކަށް ވާނެ. އެއީ އަޅުގަނޑު ދުނިޔެއަށް ފޮނުއްވީ އިނބަރަސްކަލާނގެ ކަން ދުނިޔެއަށް އެނގޭނެ ގޮތް މެދުވެރި ވުމަށްޓަކައި. އަދި އެމީހުން ދެކެވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ވާ ފަދަ ލޯތްބެއް ވާކަން އެނގި ފާޅުވުމަށްޓަކައި.  24 ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައިވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި. 
 25 މާތް ޞާލިޙުވަންތަ ބައްޕާފުޅު! މި ދުނިޔޭގެ މީސްތަކުންނަކަށް ބައްޕާފުޅެއް ނޭނގޭ. އެކަމަކު އަޅުގަނޑު ބައްޕާފުޅު ދަންނަން. އަދި އަޅުގަނޑަށް އީމާންވެގެންތިބި މީހުންނަށް އަޅުގަނޑު ފޮނުއްވެވީ ބައްޕާފުޅުކަން އެނގޭ.  26 އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު އެމީހުންނަށް އަންގައިދިނިން. އަދި އެކަންތައް އިތުރަށްވެސް އަންގަމުން ގެންދާނަން. އެއީ ބައްޕާފުޅު އަޅުގަނޑު ދެކެ ވާ ލޯބި އެމީހުންގެ ކިބައިގައި ވެސް ވާނެގޮތް މެދުވެރި ވުމަށްޓަކައި. އެގޮތުން އެމީހުންގެ ކިބައިގައި އަޅުގަނޑުވެސް ވުމަށްޓަކައި.“ 
*17:12 17:12 ގެއްލި ދިޔަ މީހާކަމަށް އެކަލޭގެފާނު އެވިދާޅުވާ މީހަކީ ޔުދާސް އެވެ. އެއީ ދާއޫދުގެފާނުގެ ޒަބޫރުގައި އެކަން އެހެންވާނެކަމަށް ލިޔެވިފައިވާތީ.
†17:14 17:14 މިތަނުގައި ދުނިޔެއޭ އެވިދާޅުވަނީ ޝައިތާނީ ދުނިޔެއަށް އިޝާރާތް ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން ނޭނގޭ އަދި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނުވާ މީހުންގެ ދުނިޔެއެވެ.