12
އީސާގެފާނު ބެތާނިޔާގައި 
 1  ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.  2 އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ.  3 މަރިޔަމް ވަރަށް އަގުބޮޑު އަތަރުފުޅިއެއް ހިފައިގެން ގޮސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް އެ އަތަރުފުޅި އޮއްސާލިއެވެ. އަދި އޭނާގެ އިސްތަށިގަނޑުން އީސާގެފާނުގެ ފައިންޕުޅު ފޮހުނެވެ. މުޅި އެގޭގެ ތެރޭގައި އެ އަތަރުގެ މީރުވަސް ފެތުރިގެން ދިޔައެވެ. 
 4 އީސާގެފާނުގެ އަސްޙާބީއެއް ކަމުގައިވާ ޔުދާސް އިސްކަރިޔޮތު ވެސް އެތާނގައި ހުއްޓެވެ. މިނާއަކީ ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވި މީހާއެވެ. އޭނާ ބުންޏެވެ.  
5 ”ތިޔަ އަގުބޮޑު އަތަރުފުޅި ތިންސަތޭކަ ދީނާރަށް
* ވިއްކާފައި އެލާރި ފަޤީރުންނަށް ނުދިނީ ކީއްވެ؟“  
6 ޔުދާސް މިހެން ބުނީ އޭނާ ކޮންމެހެން ފަޤީރުންނާއި ދޭތެރޭ އަޅާލާތީއަކީ ނޫނެވެ. އޭނާއަކީ ވަގެއް ވީމައެވެ. އަސްޙާބީންގެ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ އިރު އޭނާ އެ ފައިސާއިން ވަނީ ވައްކަން ކޮށް ހަދައެވެ. 
  7 އީސާގެފާނު ވިދާޅުވިއެވެ. ”އޭނާ އެފަދައިން ކަންތައް ކުރުމަށް ހުރަސް ނާޅާ. އޭނާ އެ އަތަރުފުޅި ބެހެއްޓީ އަހަރެން ކަފުންކުރުމަށް ކުރާ ތައްޔާރުތައް ކުރަންޖެހޭ ދުވަހަށްޓަކާ.  8 ފަޤީރުން އަބަދުވެސް ކަލޭމެންގެ ކުރިމަތީގައި ވާނެ. ނަމަވެސް އަހަރެން މާކަގިނަ ދުވަހަކު ދެނެއް ކަލޭމެންގެ ކައިރިއަކު ނުވާނެ.“ 
ލާޒަރު މަރާލަން ރޭވުނު 
 9 އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.  10 ދެން ބޮޑު އިމާމުން ނިންމީ ލާޒަރު ވެސް މަރާލުމަށެވެ.  11 އެއީ އެކަމާހެދި އެތައް ބަޔަކު އެމީހުންނާ ދެކޮޅުވެރިވެ އީސާގެފާނަށް އީމާންވަމުން ދާތީއެވެ. 
އީސާގެފާނު ޖެރޫސަލަމަށް ވެދެ ވަޑައިގެންނެވުން 
 12-13 އަނެއްދުވަހު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ޚަބަރު އެރަށުގައި ފެތުރުނެވެ. ދެން ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަ ކުރުމަށް އެރަށަށް އެއްވެފައިތިބި މީސްތަކުންގެ ތެރެއިން އެތައް ބައިވަރު ބަޔަކު އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ކަދުރު ރުކުގެ ރޯފަން ހިފައިގެން އެކަލޭގެފާނު ވަޑައިގެންނެވި މަގަށް ދިޔައެވެ. އަދި މިފަދައިން ކިޔާ ގޮވަމުން ދިޔައެވެ. 
   
”މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާ ސަނާހުރި. 
އެކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ފަރާތަށް އެކަލާނގެ ބަރަކާތް ލިބިގެންވޭ. 
ބަނީއިސްރާއީލުގެ ރަސްގެފާނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި.“ 
 14 އީސާގެފާނަށް ފެނިވަޑައިގަތް ޅަހިމާރެއްގެ މަތީގައި އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެއީ ހަމަ ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ ފަދައިންނެވެ.  15 ލިޔެވިގެންވިއެވެ. 
   
”ބަނީއިސްރާއީލު މީހުންނޭ، 
ބިރުނުގަންނާށެވެ. 
ކަލޭމެންގެ ރަސްގެފާނު 
އެބަވަޑައިގަންނަވައެވެ. 
އެމަނިކުފާނު ޅަހިމާރެއްގެ މަތީގައި 
ދަތުރުކުރައްވާ އެބަވަޑައިގަންނަވައެވެ.“
†  16 އީސާގެފާނުގެ އަސްޙާބީންނަކަށް މި ކަމަކީ ކުރީއްސުރެން ވާނެ ކަމަށް ޣައިބުގައި ލިޔެވިފައިވާ ކަމެއް ކަން އޭރަކު ނޭނގެއެވެ. އެކަލޭގެފާނަށް ޖަލާލަތުކަމުގެ މަޤާމު ލިބިވަޑައިގަތުމުން އެ ކަމަކީ އެކަލޭގެފާނާމެދު ކަންތައް ހިނގާނެ ގޮތް ކަމަށް ފަތްފުށްތަކުގައި ލިޔެފައިވާ ކަންތައް ކަން އެމީހުން ހަނދާން ވިއެވެ. 
 17 އެބައިގަނޑުގެ ތެރޭގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނު ލާޒަރު އަލުން ދިރުއްވިތަން ދުށް މީހުން އެތާނގައި ތިބި އެންމެން ގާތު އެވާހަކަތައް ކިޔާދެމުން ދިޔައެވެ.  18 އެވަރަށް އެތަނަށް މީހުން އެއްވެފައި ވަނީ ވެސް އެހެން ވެގެންނެވެ. އެއީ އެ އެންމެން ވެސް ވަނީ މި މާނަފުން މުޢުޖިޒާތުގެ ވާހަކަ އަހާފައެވެ.  19 މިތަންދެކެ ފަރީސީން ބުންޏެވެ. ”އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!“ 
އީސާގެފާނު އެކަލޭގެފާނުގެ އަވަހާރަވުމާއި ބެހޭގޮތުން ވާހަކަދެއްކެވުން 
 20 ގުރީކުގެ ބައެއް މީހުންވެސް އެ ޢީދުގެ އަޅުކަންތަކަށް ޖެރޫސަލަމަށް އައިސް ތިއްބެވެ.  21 އެމީހުން އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ގަލީލީގެ ބެތުސައިދާގެ މީހެއް ކަމުގައިވާ ފިލިޕުގެ ގާތަށް ގޮސް ބުންޏެވެ. ”އަޅުގަނޑުމެން އީސާގެފާނާއި ބައްދަލުކުރަން ބޭނުން.“  22 ފިލިޕު މި ވާހަކަ އަންދުރާއި ގާތު ބުންޏެވެ. ދެން އެދެމީހުން އެކުގައި އީސާގެފާނު އަރިހަށް ގޮސް މި ވާހަކަ ދެންނެވިއެވެ. 
 23 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ.  24 ހަމަ ތެދެއް، ބިންމަތީގައި އިންދޭ ގޮދަން އޮށެއް ވެސް އެއޮށް މަރު ނުވާނަމަ ވާނީ އެންމެ އޮށަކަށް. ނަމަވެސް އެ އޮށް މަރުވުމުން އެއިން އެތައް ގޮވާމެއް ލިބޭ. އަދި އޭގެ ސަބަބުން އެތައް ބައިވަރު ގޮވާމެއް ލިބޭނެ.  25 ކަލޭމެން ދިރިއުޅުމުގެ ބޭނުން މާ ބޮޑު ނަމަ އެ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އެ ދިރިއުޅުމަށް އެހާ އެދުންވެރި ނުވެއްޖެނަމަ ނިމުމެއް ނެތް ދިރިހުރުން ލިބޭނެ.  26 އަހަރެންގެ ޚިދުމަތުގައިވުމަށް އެދޭ ކޮންމެ މީހަކުމެ އަހަރެންނާއި އެކު އާދޭ! އެފަދަ މީހުން އަބަދުވެސް އަހަރެން ވާ ތަނެއްގައި ވެ ވުމަށްޓަކައި. އަދި މީހަކު އަހަރެންގެ ޚިދުމަތުގައިވުމަށް ނިންމައިފިނަމަ، ބައްޕާފުޅު އެމީހަކު ޝަރަފުވެރި ކުރައްވާނެ. 
 27 މިހާރު އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް ވޭ. ވީއިރު އަހަރެން ބައްޕާފުޅަށް ދުޢާކޮށް އަންނަން އޮތް ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ދަންނަވަންވީތަ؟ ނޫން! އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން މި ދުނިޔެއަށް އައީ ވެސް މިފަދައިން އަނިޔާ ލިބިގަތުމަށްޓަކާ.  28 ބައްޕާފުޅު! ބައްޕާފުޅުގެ ނަންފުޅު މަތިވެރި ކުރައްވައި ޖަލާލުވަންތަ ކުރައްވައި ފާނދޭވެ!“ 
އީސާގެފާނު މިހެން ހަމަ ވިދާޅުވި ވަގުތު އުޑުން އައި އަޑުފުޅެއް މިފަދައިން އިވިގެން ދިޔައެވެ. ”ތިމަންކަލާނގެ އެނަން މަތިވެރި ކޮށްފިން. އަދިވެސް އެނަން ޖަލާލަތު ކުރާނަން.“ 
 29 އެތަނަށް އެއްވެފައިވާ މީސްތަކުންނަށް އެއަޑުފުޅު އިވުމުން އެއްބަޔަކު ހީކުރީ ގުގުރައިގަތީ ކަމުގައެވެ. އަދި އަނެއްބަޔަކު ހީކުރީ މަލާއިކަތަކު އީސާގެފާނާ ވާހަކަދައްކަވަނީ ކަމުގައެވެ.  30 އެހެންވެ އީސާގެފާނު ވިދާޅުވިއެވެ. ”އެ އަޑުފުޅު އެ އިވުނީ ކަލޭމެންގެ ފައިދާއަކަށްޓަކާ. އަހަރެންގެ ފައިދާއަކަށް ނޫން.“ 
 31 ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.
‡  32 އަދި އަހަރެން މައްޗަށް އުފުއްލެވުމުން އެންމެންނަށް ވެސް އަހަރެންގެ ގާތަށް އާދެވޭނެ ގޮތް އަހަރެން ހަދާނަން.“  
33 އީސާގެފާނު މިހެން ވިދާޅުވީ އެކަލޭގެފާނު އަވަހާރަކޮށްލެވޭނެ ގޮތާއިމެދު އިޝާރާތް ކުރެއްވުމަށެވެ. 
  34 އެއްވެފައި ތިބި މީސްތަކުން ބުންޏެވެ. ”މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްތަކުގައި އެކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙު އަބަދުގެ އަބަދަށް ދިރިހުންނަވާނެ ކަމުގައި ލިޔެވިގެންވޭ. ވީއިރު ތިޔަ ބުނަނީ ކޮން އިންސާނާގެ ދަރިކަލުންނެއް މަރުވާނެ ވާހަކަތަ؟ ތިޔަ ބުނާ އިންސާނާގެ ދަރިކަލުންނަކީ ކާކުތަ؟“ 
 35 އީސާގެފާނު ވިދާޅުވިއެވެ. ”އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުންދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.  36 ކަލޭމެންގެ ގާތުގައި އަލިކަން ވާ ހިނދު އެއަލިކަން ގަބޫލުކޮށް އީމާންވޭ. އޭރުން ކަލޭމެންނަކީ އަލިކަމުގެ ދަރިން ކަމުގައި ވާނެ.“ 
ބަނީއިސްރާއީލު މީހުން އީމާން ވުމަށް ދެކޮޅު ހަދަމުން ދިޔަ 
މިހެން ވިދާޅުވުމަށް ފަހު އީސާގެފާނު ވަޑައިގެން އެމީހުންގެ ކުރިމަތިން ޣައިބުވެ ވަޑައިގެންނެވިއެވެ.  37 އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.  38 އެހެންކަމުން ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވެފައިވާ ފަދައިން ކަންތައް ހިނގައި ނިމި ދިޔައެވެ. ޔަޝަޔާހުގެފާނު ވިދާޅުވެފައި ވެއެވެ. 
   
”ސާހިބުވަންތަ މާތްކަލާނގެ އެވެ! 
އަޅަމެން ގެނައި ބަސްފުޅުތައް 
ގަބޫލު ކުރީ ކާކު ހެއްޔެވެ؟ 
އިނބަ ރަސްކަލާނގެ މަތިވެރިކަން 
އޮޅުންފިލީ ކާކަށް ހެއްޔެވެ؟“ 
 39 މީސްތަކުންނަށް އީސާގެފާނު ގަބޫލު ކުރަން ދަތި ވާނެ ސަބަބު އަންގައިދީ ހާމަ ކޮށްދިނުމަށް ނަބީ ޔަޝަޔާޙުގެފާނު މިފަދައިން ވިދާޅުވިއެވެ. 
   
 40 ”މާތްރަސްކަލާނގެ މީސްތަކުންގެ ލޯތައް އަނދިރި ކުރައްވައި 
އެމީހުންގެ ހިތްތައް ހަރުކުރައްވައިފިއެވެ. 
އެކަލާނގެ އެފަދައިން ކަންކުރެއްވީ 
އެމީހުންނަށް އެކަންތައް ވިސްނުނަ ނުދެއްވުމަށާއި 
އެކަންތައް އެމީހުންނަށް ނުދެއްކެވުމަށެވެ. 
އަދި އެމީހުންނަށް ޝިފާ ލިބިގަތުމަށްޓަކައި އެކަލާނގެ ކިބަފުޅަށް އައުމުގެ މަގުވެސް ނުދެއްކެވުމަށެވެ.“ 
 41 ނަބީ ޔަޝަޔާޙުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އީސާގެފާނާއި މުޚާތަބު ކުރައްވައެވެ. އޭރު އެކަލޭގެފާނަށް މާތްރަސްކަލާނގެ ވަނީ އަލްމަސީޙުގެ ޖަލާލަތުކަން ދައްކަވާފައެވެ.  42 އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކުވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކުވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކުވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.  43 އެހެނީ އެ މީހުން އެދުން ވެރިވަނީ މާތްރަސްކަލާނގެ ކިބަފުޅުން ލިބޭނެ މަތިވެރި ޝަރަފަކަށް ވުރެން ބޮޑަށް މީސްތަކުންގެ ކިބައިން ލިބޭނެ ތަޢުރީފުގެ ބަސްތަކަށެވެ. 
އީސާގެފާނު ވަޑައިގެންނެވީ ދުނިޔޭގެ މީސްތަކުން ދިންނެވުމަށް 
 44 ވަރަށް ގަދަ އަޑުފުޅަކުން އީސާގެފާނު މީސްތަކުންނާއި މުޚާތަބު ކުރެއްވިއެވެ. ”އަހަރެންނަށް އީމާންވާ މީހުން އެއީމާން ވަނީ އަހަރެންގެ މައްޗަށް އެކަންޏެއް ނޫން. އެމީހުން އެ އީމާންވަނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ ކިބަފުޅަށް ވެސް މެ.  45 އަދި އަހަރެން ފެނިއްޖެ ކޮންމެ މީހަކަށް އަހަރެން ފޮނުއްވި ފަރާތް ވެސް ފެނިއްޖެ.  46 އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.  47 އަހަރެންގެ ބަސްތައް އަޑުއަހާ އެބަސްތައް ގަބޫލު ކުރުމަށް އިންކާރުކުރާ މީހުންގެ މައްޗަށް ހިސާބުބަލާނީ އަހަރެންނެއް ނޫން. އެއީ އަހަރެން ދުނިޔެއަށް މިއައީ ދުނިޔޭގެ މީސްތަކުން ސަލާމަތް ކުރުމަށް. އެމީހުން ކުށްވެރި ކުރުމަކަށެއް ނޫން.  48 ނަމަވެސް އަހަރެންގެ ބަސްތަކާއި ދެކޮޅުވެރިވާ ކޮންމެ މީހަކާއި މެދު ޤިޔާމަތް ދުވަހުން ހިސާބު ބެލެވޭނެ. އެދުވަހުން އެމީހުންނާމެދު ނިޔާކަނޑައަޅާ ފަނޑިޔާރަކީ އަހަރެން ގެނެސް ދިން ތެދު ބަސްތައް.  49 އަހަރެން އަންގާދެނީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. އަހަރެން އަންގާދެނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އެންގެވި ބަސްފުޅުތައް.  50 އަހަރެންނަށް އެނގޭ ނިމުންނުވާ ޙަޔާތް ލިބެނީ ބައްޕާފުޅުގެ އަމުރުފުޅުން ކަން. އެހެންވީމާ އަހަރެން ބުނާ ހުރިހާ އެއްޗެއް މި ބުނަނީ ބައްޕާފުޅު އަހަންނަށް އަންގަވާ ގޮތަށް.“